ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 ޖަމްޢިއްޔާގެ ޙަރަކާތްތައް  
ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވައިފި

Thursday, August 26, 2010
 : 


އޯގަސްޓް 22 ވީ އާދީއްތަ ދުވަހު ފެށި ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1431ގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވައިފިއެވެ.

މި ޖަލްސާ އޮތީ އޯގަސްޓް މަހުގެ 26 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:45 ގައި ސ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ.

ޖަލްސާގެ ޝަރަފްވެރި މެހުމާނާއި އެހެނިހެން ޢިއްޒަތްތެރިންނަށް ސ. އަތޮޅު ތަޢުލީމީ މަރުކަޒުން މަރުޙަބާ ދެންނެވީ، ނޫރުލްއިސްލާމްގެ ރައީސް މުޙައްމަދު އަނީލާއި ނޫރުލްއިސްލާމްގެ ޚާއްޞަ އެޑްވައިޒަރ ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާއާއި މުބާރާތުގެ ކޯޑިނޭޓަރ އަލްޙާފިޡް ޙުސައިން ޢަލީއެވެ.

ޖަލްސާ ފެށިގެން ދިޔައީ މުބާރާތުގެ ބައިވެރިއެއް ކަމުގައިވާ ސ. ހިތަދޫ ސަނީލޮޖް، އާމިނަތު ސަޖާ ޞިއްދީޤްގެ ޤުރްއާން ކިޔެވުމުންނެވެ. ޖަލްސާ ތަޢާރަފް ކޮށްދެއްވީ ނޫރުލްއިސްލާމްގެ ރައީސް މުޙައްމަދު އަނީލްއެވެ. އެއަށްފަހު ނޫރުލްއިސްލާމްގެ ފަރާތުން ފަޟީލަތުއްޝައިޚް ޙަސަންލަޠީފް މޫސާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އެއަށްފަހު ފަނޑިޔާރުން ފާހަގަކުރެއްވި ކަންތައްތައް އިއްވެވީ މުބާރާތުގެ ކޯޑިނޭޓަރ އަލްޙާފިޡް ޙުސައިން ޢަލީއެވެ.

އެއަށްފަހު މުބާރާތުގެ ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމް ޙަވާލުކުރުން އޮތެވެ.

މުބާރާތުގެ އެކި ޢުމުރުފުރާތަކުން 3 ވަނަ އަށް އައި ބައިވެރިންނަށް އިނާމް ހަވާލުކުރެއްވީ ދެކުނު ޕްރޮވިންސް ކައުންސިލަރ އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ. އަދި 2 ވަނަ އަށް އައި ބައިވެރިންނަށް އިނާމް ހަވާލުކުރެއްވީ ޑިޕިއުޓީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު އަދްހަމެވެ.

މުބާރާތުގެ އުމުރުފުރާތަކުން އެއްވަނައަށް އައި ބައިވެރިންނާއި މުޅިމުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް އިނާމު ޙަވާލުކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ.

އެއަށްފަހު މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޙާޟިރީންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އައްޑުއަތޮޅު ހިތަދޫގައި ހުޅުވުމުގެ މަސައްކަތް ކުރިއަށް ދާކަން އިޢުލާނު ކުރެއްވިއެވެ. އަދި މިފަދަ މުބާރާތްތަކުގެ މުހިއްމުކަމާއި ޤުރްއާން ކިޔެވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އަދި ޤުރްއާނަށް ޢަމަލު ކުރުމުގެ މުހިއްމުކަމާއި އަދި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަޚްލާޤަކީ ކީރިތި ޤުރްއާން ކަމަށް ބަޔާން ކުރެއްވިއެވެ. އަދި ޤުރްއާނަކީ ހަމައެކަނި ދެލިގަނޑު ކިޔެވުމަށް ބާވައިލެއްވި ފޮތެއް ނޫންކަމަށާއި އެއީ އެފޮތް ކިޔެވުމާއެކު އެއަށް ޢަމަލު ކުރުމަށް ބާވައިލެއްވި ފޮތެއް ކަމަށް ވިދާޅުވިއެވެ.

ކަމެއް ﷲ ނިޔާ ކުރެއްވާ ކަންތައްތަކަކީ އަޅުގަނޑުމެން ނުރުހުނު ކަންތަކެއް ކަމުގައި ވިޔަސް އޭގައި އަޅުގަނޑުމެންނަށްޓަކައި ހެޔޮ ގޮތެއް މިންވަރު ކުރައްވާފައިވާ ކަމެއްކަން ބަޔާން ކޮށްދެއްވިއެވެ. މިގޮތުން ތަފާތު މިސާލުތައް ބަޔާން ކުރެއްވިއެވެ.

އަދި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހިތަދޫގައި ޤާއިމުކުރުމުގެ މަސައްކަތް ވަރަށްއަވަހަށް ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ޤުރްއާނާއި ގުޅުންހުރި ގިނަގުން ކޯސްތަކާއި ޕްރޮގްރާމްތައް މިއަތޮޅުގައި ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ޤުރްއާން ކިޔެވުމަށް ދަރިންގެ ހިތުގައި ލޯބި ޖެއްސުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅަށްފަހު ވާހަކަފުޅު ދެއްކެވީ ދެކުނު ޕްރޮވިންސް ކައުންސިލަރ އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނަތަކަށް އައި ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެ، ވަނަތައް ޙާޞިލު ނުވި ދަރިވަރުންނަށް ހިތްވަރު ދެއްވިއެވެ.

އަދި ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވުމަށް ކުރެވެންހުރިހާ މަސައްކަތެއް ހިތަދޫ އޮފީސް ހިންގެވުމާ ޙަވާލުވެ ހުންނެވި ފަރާތުގެ ޙައިސިއްޔަތުން ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޖަލްސާގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ނޫރުލްއިސްލާމްގެ ރައީސް މުޙައްމަދު އަނީލެވެ. ރައީސްގެ ވާހަކަފުޅުގައި މި މުބާރާތް އިންތިޒާމްކޮށް ހިންގެވުމުގައި އެހީތެރިވެ ވަޑައިގެންނެވި ފަރާތްތަކަށް ވަކިވަކިން ޝުކުރު ދެންނެވިއެވެ. އަދި ޚާއްޞަކޮށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޖަލްސާ ގައި ބައިވެރިވެ ވަޑައިގެން ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އަދި އައިއާރު ޤުރްއާން ކިލާހުގެ ވެރިޔާއަށާއި ހިތަދޫގެ އެހެން ޤުރްއާން ކިލާސްތަކުގެ މުދައްރިސުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

އަދި މި މުބާރާތަށް އިނާމާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވި އެކިއެކި ފަރާތްތަކުގެ ނަންތައް ވަކިވަކިން ފާހަގަކުރައްވައި ޝުކުރު ދެންނެވިއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ ނޫރުލްއިސްލާމްގެ މި މުބާރާތް މިއަށްވުރެ ފުޅާކޮށް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. މިފަދަ މުބާރާތެއް މިހާ ކުރު މުއްދަތެއްގައި އިންތިޒާމްކޮށް މިހާ ފުރިހަމަކޮށް ބޭއްވުނީ ﷲގެ މަދަދާއި އެކު ކަމަށް ވިދާޅުވަމުން އެކަމަށްޓަކައި އެއިލާހަށް ޙަމްދާއި ޝުކުރު އަދާކުރެއްވުމަށްފަހު،  އެކަމުގައި ސަބަބެއް ކަމުގައި އެއިލާހު މެދުވެރި ކުރެއްވި ހުރިހާ ފަރާތަކަށް ޝުކުރު ދެންނެވިއެވެ.

ޖަލްސާ ނިމުމަށްފަހު، މުބާރާތުގެ ބައިވެރިންގެ ތެރެއިން ވަނަތައް ޙާޞިލު ނުކުރެވުނު ދަރިވަރުންނަށް ހިތްވަރުދިނުމުގެ އިނާމެއް ޙަވާލުކުރުން އޮތެވެ.

 








[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 1037 ފަހަރު]



މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް