ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ އިންޓާނޭޝަނަލް އިވެންޓެއްކަމަށްވާ "ދަކޯލް" ގެ ޙަރަކާތް މިއަހަރު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
އޮކްޓޫބަރު 30 އިން ނޮވެމްބަރު 2 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ދަކޯލް 2014" އާއި ބެހޭގޮތުން ސަލަފުގެ ފަރާތުން މިކަން ހާމަކުރައްވަމުން ސަލަފްގެ ޖެނެރަލް ސެކެޓްރީ މުޙައްމަދު ސޮބާޙް ހާމަކުރެއްވި ގޮތުގައި މިއަހަރުގެ އިވެންޓަކީ ކުރީ ދެ އަހަރަށްވުރެ ފުޅާކޮށް ރާވާފައިވާ އިވެންޓެއް ކަމަށާއި އަދި މިއަހަރުވެސް ކުރީ އަހަރު ތަކެކޭ އެއްފަދައިން ސަލަފްގެ ދަޢުވަތަކަށް ކެނެޑާގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ. އަބޫއަމީނާ ބިލާލް ޕިލިޕްސް އަދި އިނގިރޭސި ވިލާތުގެ މަޝްހޫރު ދާޢީ އަބްދުއްރަޙީމް ގްރީން ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރ ޢަލީ ރަމީޒް ހާމަކުރެއްވިގޮތުގައި މިފަހަރުގެ މި އިވެންޓަކީ އިންޓަރނޭޝަނަލް ދައުވާ އިވެންޓެއް ރާއްޖޭގެ ބައެއް ކަންކޮޅުތަކުގައި ގެންދަން ރާވާފައިވާ ފުރަތަމަ ފަހަރު ކަމަށާއި އެގޮތުން އައްޑޫގެ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ނޫރުލްއިސްލާމް އާއި ގުޅިގެން އައްޑޫގައި ސަލަފް "ދަ ކޯލް 2014" ގެ ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށެވެ.
"މިފަހަރު އަސްލު ކުރީ ދެ ފަހަރަށްވުރެ ފުޅާކޮށް މިކަން ބޭއްވުމަށް ރޭވިފައިވަނީ. ކުރީ ފަހަރުތަކުގައި އަޅުގަނޑުމެން އަމާޒުކޮށްފައިވާނީ ހަމައެކަނި މާލެއަށް. އެހެންނަމަވެސް މިފަހަރު އައްޑޫ، ފުވައްމުލަކު ގައި ޙަރަކާތްތައް ރޭވިފައިވަނީ. އަދި މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައިވެސް ޙަރަކާތްތައް ކުރިއަށް ދާނެ އިންޝާﷲ" ޢަލީ ރަމީޒު ވިދާޅުވިއެވެ.
އައްޑޫގައި ބާއްވާ ޙަރަކާތްތަކާއި ގުޅޭގޮތުން ނޫރުލް އިސްލާމްގެ ރައީސް މުޙައްމަދު އަނީލް ވިދާޅުވެފައިވާގޮތުގައި "ދަކޯލް" ގެ ޙަރަކާތް އައްޑޫގައި ބޭއްވުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ ލިބުނު ވަރަށްބޮޑު އުފަލެއްކަމަށާއި އަދި މިފަދަ ބޮޑު އިވެންޓެއް އައްޑޫގައި ބޭއްވުމުން އޭގެ ފައިދާ މުޅި އަތޮޅަށް އިންޝާﷲ ކުރާނެކަމަށެވެ.
"ދަކޯލް ގެ ހަރަކާތް އައްޑޫގައި ބޭއްވުމުގެ ފުރުސަތު ދިންކަމަށްޓަކައި ޖަމްޢިއްޔަތުއްސަލަފަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ކުރިންވެސް ދީނީ ކަންތައްތަކުގައި ޖަމްޢިއްޔަތުއްސަލަފުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވަނީ އަދި ކުރިއަށް އޮތް ތާނގައިވެސް ހަމައެގޮތަށް އެއްބާރުލުން ލިބޭނެކަމަށް ޔަގީން ކުރަން. ހަގީގަތުގައި މިފަދަ ބޮޑު އިވެންޓެއް ބޭއްވުމަކީ މިކަމުން ވަރަށްބޮޑު ނަފާއެއް އައްޑޫގެ ރައްޔިތުންނަށް އިންޝާﷲ ލިބިގެންދާނެކަމެއް. މި ޙަރަކާތް ބޭއްވުން ވެގެންދާނީ މިފަދަ ބޮޑުދީނީ ހަރަކާތެއް އައްޑޫގައި ބޭއްވޭ ފުރަތަމަ ފަހަރަށް. ވަރަށްބޮޑަށް ތައްޔާރުވަމުން އަޅުގަނޑުމެން މިދަނީ. އިންޝާﷲ މި ހަރަކާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިންޝާﷲ އަޅުގަނޑުމެން ކުރާނަން" އަނީލް ވިދާޅުވިއެވެ.
ފުވައްމުލަކުގައި ބާއްވާ އިވެންޓުތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ގާޑިއަން އެސޯސިއޭޝަން ގެ ރައީސް ޝާފިޢު ޢަލީ ވިދާޅުވިގޮތުގައި މިފަދަ ބޮޑު އިވެންޓެއް ބޭއްވުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށާއި މި އިވެންޓުގެ ސަބަބުން ޒުވާނުންނަށް ދީނީ ގޮތުން ވަރަށްބޮޑު ފައިދާއެއް ކުރާނެކަމަށް ޔަގީން ކުރާކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފުން ކުރިއަށް ގެންދާ "ދަކޯލް" ސީރީޒް ފަށާފައިވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން 2010 ވަނަ އަހަރުވެސް ވަނީ ދަކޯލް " ލިވް އިސްލާމް" ގެ ނަމުގައި ބާއްވާފައެވެ. މި ޙަރަކާތަކީ ވަރަށްބޮޑު ޚަރަދެއް ހިނގާނެ ޙަރަކާތެއްކަމުން އެންމެހައި ބޭފުޅުންގެ ދީލަތި އެހީއަށް ވަރަށްބޮޑަށް ބޭނުންވެފައިވާކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުނެއެވެ.