ނަންބަރު: NI-IUL-2013/10
ނޫރުލްއިސްލާމްގެ 4 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތާ ބެހޭ
ނޫރުލްއިސްލާމްގެ 4 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް، މިއަހަރުގެ އޯގަސްޓް މަހުގެ 17 އިން 22 އަށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގައިވެސް ޓީމުތައް ބައިވެރި ކުރުމުގެ ފުރުޞަތު، ޤުރްއާން ކްލާސްތަކާއި ސްކޫލްތަކާއި ޖަމްޢިއްޔާތަކާއި އެހެނިހެން މުއައްސަސާތަކަށް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން ކޮންމެ ފަރާތަކުން ބައިވެރިކުރެވޭނީ 15 ބައިވެރިންގެ 1 ޓީމެވެ. މުބާރާތުގައި ޓީމްތައް ވާދަކުރާ ގޮތަށް ހަމަޖެހިފައިވީނަމަވެސް، ކުރީ އަހަރުތަކުގެ މުބާރާތްތަކާ އެއްގޮތަށް އަމިއްލަގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު 27 ޖޫން 2013 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހިތަދޫ ސައިޑްބިޒް ފިހާރައިންނާއި މަރަދޫ ކަރަމަތި ފިހާރައިންނާއި މީދޫ އިޒްދިހާރު ސްޓޯރ އިން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ 5 ރުފިޔާއެވެ. ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މުބާރާތުގައި ބައިވެރިވާ ފަރާތުގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއަކާއެކު، 27 ޖުލައި 2013 ވާ ހޮނިހިރު ދުވަހުގެ ހަވީރު 6:00 ގެ ކުރިން ޖަމްޢިއްޔާގެ އިދާރާއަށް ނުވަތަ ފޯމް ނެންގެވި ތަނަށް ހުށަހަޅަން ވާނެއެވެ.
މުބާރާތުގެ ބައިވެރިންގެ ޢުމުރުފުރާ ބަލާނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 އަށް ފުރިފައިވާ އަހަރަށެވެ.
މުބާރާތުގައި ބައިވެރިވުމާއި، މުބާރާތަށް އިނާމް ހުށަހެޅުއްވުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ނޫރުލްއިސްލާމްގެ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ އިންތިޒާމް ކޮމިޓީގެ 7676446 މިނަންބަރު ފޯނަށެވެ. މިމުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު، ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓް www.noorul-islam.org އިން ލިބިވަޑައިގަންނަވާނެއެވެ.
16 ޝަޢުބާން 1434
25 ޖޫން 2013
ނޫރުލްއިސްލާމްގެ އިދާރާ