ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 ނޫސްބަޔާން  
މަތީ ޘާނަވީގައި ދިވެހި އިސްލާމް އިޚްތިޔާރީ ދެމާއްދާގެ ގޮތުގައި ހަމަޖެއްސުމަށް ކުރެވެމުންދާ މަސައްކަތް މީޑިއާގައި ޕްރޮމޯޓް ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުށްވެރިކުރުން

Wednesday, May 26, 2010
 : 

ނޫރުލްއިސްލާމް

ޖަންބުމާގެ / ސ.ހިތަދޫ

 

ނަންބަރު: NI/PR/2010/001

 

ނޫސްބަޔާން

 

اَلْحَمْدُ لِلَّهِ رَبِّ اْلعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَالتَّابِعِيْنَ لَهُمْ بِإِحْسَانٍ إِلَى يَومِ الدِّيْنِ.

 

މަތީ ޘާނަވީގައި ދިވެހި އިސްލާމް އިޚްތިޔާރީ ދެމާއްދާގެ ގޮތުގައި ހަމަޖެއްސުމަށް ކުރެވެމުންދާ މަސައްކަތް މީޑިއާގައި ޕްރޮމޯޓް ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުށްވެރިކުރުން:

 

ދިވެހިރާއްޖޭގައި މަތީ ޘާނަވީ ކިޔަވާ ދަރިވަރުންނަށް ދިވެހި އިސްލާމް، މި ދެ މާއްދާ އިޚްތިޔާރީ ދެމާއްދާގެ ގޮތުގައި ހަމަޖެއްސެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމަވައި، އެނިންމެވުން ޕްރޮމޯޓު ކުރެއްވުމަށް މީޑިއާގައި ކުރައްވަމުންގެންދަވާ މަސައްކަތްތައް މި ޖަމިއްޔާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ އެއްބަހަކުން ވާހަކަ ދައްކާ އަދި އެއް ދީނަކަށް ތަބާވާ ބަޔަކަށް ވުމީ، ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަމާއި އެކުވެރިކަން ދެމިއޮތުމުގެ އަސްލެވެ. ކަންމިހެން ހުރުމާއެކު ތަފާތު ދީންތަކާއި ޘަޤާފަތްތަކުގެ އޮއިވަރުތައް ރާއްޖެއަށް އަންނަމުންދާ ނާޒުކު ދަނޑިވަޅެއްގައި، ދިވެހިބަހާއި އިސްލާމްދީނުގެ ޢިލްމުވެރިންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދެއްވައި އެޑިޔުކޭޝަން މިނިސްޓަރ ނިންމެވި ނިންމެވުމަކީ މުސްތަޤުބަލުގައި އަންނަން އޮތް ޖީލުތަކަށާއި މުޅި ދިވެހި އުއްމަތުގެ އިސްލާމީ ވަހުދަތު ގެއްލި ދިޔުމަށް މަގުފަހިވެގެންދާނެ ނިންމެވުމެއް ކަމުގައްޔާއި ތަޢުލީމީ ގޮތުން މާބޮޑު ފައިދާއެއް ނެތް ނިންމުމެއް ކަމުގައި މިޖަމިއްޔާއިން ދެކެމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ދިވެހިބަހާއި އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ވަނީ ލާޒިމްކޮށްފައެވެ. އެހެން ނަމަވެސް، ރައްޔިތުންނަށްޓަކައި ވެރިކަން ކުރުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއް ވެރިންގެ ފަރާތުން މިފަދަ ކަންތައް ފެންނަމުން ދިޔުމަކީ ހިތާމަހުރި ކަމެކެވެ.

އެހެންކަމުން، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ތަޢުލީމު ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން އެޑިޔުކޭޝަން މިނިސްޓަރީގެ ނިންމެވުން އަނބުރާ ގެންދެވުމަށާއި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަތުމަށް އެޑިޔުކޭޝަން މިނިސްޓަރަށް ގޮވާލަމެވެ. އަދި މިމައްސަލައާމެދު ޢިއްޒަތްތެރި ބެލެނިވެރިން ފުންކޮށް ވިސްނާވަޑައިގެން، މިކަން ނުކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިންނަށް އިލްތިމާސްކޮށް، މިކަމާއި ދެކޮޅަށް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އިޙްތިޖާޖު ކުރެއްވުމަށްވެސް ގޮވާލަމެވެ.

އަދި މިކަމުގައި އިޙްތިޖާޖު ކުރުމުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހާ މަދަނީ ޖަމާޢަތްތަކާއި ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ މުއައްސަސާތައް އެއްބައިވަންތަކަމާއި އެކުވެރިކަމާއި ޞުލްޙަވެރިކަމާއެކު ޙަރަކާތްތެރިވުމަށްވެސް ގޮވާލަމެވެ.

މާތް ﷲ، މިދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމާއި ދިވެހިބަސް ޙިމާޔަތްކޮށް ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް އެ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވާށިއެވެ! އަދި އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަސް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން

وَمَا عَلَينَا إِلاَّ البَلاَغ الـمُبِين، وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.

 

11 ޖުމާދަލްއާޚިރާ 1431

25 މޭއި     2010

 

[ޕީޑީއެފް ފައިލް ޑައުންލޯޑު ކުރައްވާ]


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 1068 ފަހަރު]



މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް